ވެރިިކަމަށް ހުވާކުރެއްވިތާ ހަފުތާއެއް ނުވަނީސް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ފާޅުގައި ރައީސް ޑރ. މުއިއްޒުއާ ދެކޮޅަށް ނުކުމެވަޑައިގެންނެވުން ގިނަބަޔަކަށް ޝޮކަކަށް ނުވިއެވެ. އެއީ މަޑުމަޑުން އުފެދެމުން އައި ކޮޅިގަނޑެއް، ތޫފާނަކަށް ބަދަލުވުމުން އައި މަންޒަރު ހަމަ ދިވެހި ކޮންމެ ރައްޔިތަކަށްވެސް ވިސްނާ ފިކުރުކޮށްލުމުން ސާފުކޮށް ފެންނާނެތީއެވެ. އެކަމަކު މިއީ ރައީސް މުއިއްޒަށް ވެރިކަން ކުރެއްވުމުގައި ޖެހޭނެ އެންމެ ބޮޑު ގޮންޖެހުމަކަށް ވާނޭ އެއްކަންތައްކަން މާޒީގެ ސަފުހާތަކުން ފެނިފައި ހުރި މަންޒަރުން ޔަގީންވާ ކަހަލައެވެ.
ރައީސްކަމަށް މުއިއްޒު ހުވާކުރެއްވިތާ ހަފުތާއެއްވާން ގާތްވި އިރު، ރިޔާސީ ކެމްޕޭނުގައި އެމަނިކުފާނު އެންމެ ބޮޑަށް ވިއްކި އެކައްޗަކީ ވެރިކަމަށް އަންނަތާ ފުރަތަމަ ދުވަހުވެސް އެންމެ އިސްކަމެއް ދީގެން ކުރައްވާނެ ކަމަކީ ރައީސް ޔާމީން މިނިވަންކުރެއްވުން ކަމަށެވެ. ނަމަވެސް ފަހުން އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ރާގު ބަދަލުކުރައްވާ ޔާމީން މިނިވަން ކުރެއްވޭނީ އަދުލުގެ ނިޒާމް އިސްލާހުކޮށް، ކޯޓުތައް މިނިވަން ކުރެއްވުމުން ކަމަށް ވިދާޅުވެ، އަދި ވެސް ޔާމީން އެކީ އެކަށް މިނިވަން ނުކުރައްވައެވެ. މިކަމުގެ ހުޅުގަނޑު ޕީޕީއެމް ޕީއެންސީ ތެރޭގައި ރޯވަމުންދާތާ ކުޑަ ދުވަސްކޮޅެއް ވެފައިވަނިކޮށް ރޭ އެވަނީ ހުޅުގަނޑު ކޮންޓުރޯލުން ނައްޓާ ނިވާލަން އުނދަގޫ މިންވަރަށް ބޮޑުވެފައެވެ.
އެގޮތުން ޕީޕީއެމްގެ ރައީސް، އަބްދުﷲ ޔަމީން އަބްދުލްގައްޔޫމު އެކުލަަވައިލެއްވި ސްޓިއަރިން ކޮމިޓީއަކުން ޕީޕީއެމްގެ ހިންގުމާ ހަވާލުވެ އެކަން ރޭ ވަނީ ލައިވް ޓީވީގައި އިއުލާން ކުރައްވާފައެވެ. ޕީޕީއެމްގެ މިހާރުގެ ގިނަ ވެރިންތަކެއް ރައީސް މުއިއްޒުގެ ސަރުކާރުގެ އިސް މަގާމުތަކާ ހަވާލުވެވަޑައިގެންފައި ވަނިކޮށް ކުއްލިޔަކަށް އެ އެންމެން ބާކީކޮށް، ކުއްލި ގޮތަކަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ލީޑަޝިޕްގެ އެއްވެސް ބޭފުޅަކު ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.
އެ ބައްދަލުވުމުގައި އާންމުން ދަންނަ މޫނުތަކަކަށް ތިއްބެވީ ކުރީގެ ވަޒީރު މުހައްމަދު މަލީހް ޖަމާލް އާއި ދާދި ފަހަކުން އިންޑިއާ ހައި ކޮމިޝަން ގޮއްވާލުމަށް ގޮވާލެއްވި ކުރީގެ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އާއި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ އަމީން އާންމު އަހުމަދު މުހައްމަދާއި ރައްޔިތުންގެ މަޖިލިހުގެ ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި މަލީހް އިއުލާން ކުރެއްވީ ޕާޓީ ބާރަށް ހިނގައިގަތުމަށް 13 މެމްބަރުންގެ ސްޓިއަރިން ކޮމިޓީއެއް އެކުލަވާލި ކަމެވެ. އަސާސީ ގަވައިދުގައި ޕާޓީގެ ރައީސަށް ލިބިދޭ ބާރުގެ ދަށުން އުފެއްދި މި ކޮމިޓީގެ މައިގަނޑު މަގުސަދަކީ ޕާޓީ އަށް މެންބަރުން އިތުރު ކުރުމާއި ޕާޓީ ހަރުދަނާ ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. އެ ޕާޓީގެ ކަންކަމާ ގުޅޭ ގޮތުން ދެން ގުޅަން ޖެހޭނީ ކޮމިޓީގެ ފޯކަލް ޕޮއިންޓްތަކަށް ކަމަށް ވެސް މަލީހް ވިދާޅުވިއެވެ. އެ ހުރިހާ މެމްބަރުންގެ ނަންތަކާއި ފޯން ނަންބަރުތައް ވަކިން އިއުލާން ކުރައްވާނެ ކަމަށް ވެސް މަލީހް ވަނީ ވިދާޅުވެފައެވެ.
"އަދި އެ ހުރިހާ ބޭފުޅުންގެ ނަންތަކާއި ގުޅޭނެ ނަންބަރުތައް އަޅުގަނޑުމެންގެ މި ދެ ޕާޓީގެ [ޕީޕީއެމް، ޕީއެންސީގެ] މެމްބަރުންގެ މައުލޫމާތަށް ޓަކައި ހިއްސާކޮށްލަން. ޕާޓީއާ ގުޅޭ އެއްވެސް ކަމެއްގައި، އެއްވެސް ކަންބޮޑުވުމެއްގައި ސީދާ އެ ނަންބަރުތަކަށް ގުޅުއްވައި އަޅުގަނޑުމެންގެ އާންމު މެމްބަރުންގެ ކޯލްތައް އެ ބޭފުޅުން ނަންގަވާނެ،" މަލީހު ވިދާޅުވިއެވެ.
ޕީޕީއެމް/ޕީއެންސީގެ ސެނެޓްގައި ތިއްބަވާ ގިނަ މެމްބަރުން މިހާރު ގަބޫލު ކުރައްވާ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް ހަފްތާއެއް ނުވެ އުޅެނިކޮށް، ރައީސް ޔާމީން ރޭ އެ ދެއްކެވީ، އާ ސަރުކާރާ އެމަނިކުފާނު ދެކޮޅުވެއްޖެ ކަމެވެ. އެކަމަކު، ރައީސް މުއިއްޒުގެ ސަރުކާރު ހިންގަން ހުރަސް އަޅާ ކަމުގައިވާ ނަމަ، އެކަމާ ދެކޮޅަށް ތެދުވާން ފަސް ނުޖެހޭނެ ކަމަށް ވެސް ޕީޕީއެމް/ޕީއެންސީގެ ސެނެޓްގައި ތިއްބެވި ބޭފުޅުން މިހާރު ގެންދަވަނީ ހާމަކުރައްވަމުންނެވެ.
ރައީސް ޔާމީންގެ މަދަދާއި ތާއީދު ލިބިގެން ޕްރެސް ކޮންފަރެންސަށް ވަޑައިގެންނެވި ބޭފުޅުންނާ މެދުގައި ފިޔަވަޅު އަޅައި ސަސްޕެންޑް ކުރަން ޖެހޭނެ ކަމަށް ވެސް އެ މެމްބަރުން މިހާރު ގަބޫލު ކުރައްވައެވެ.
ދެ ރައީސުންގެ ދެމެދުގައި ނުތަނަވަސްވުން
ޔާމީން އާއި ރައީސް މުއިއްޒުއާ ދެމެދު ގުޅުން ކެނޑުނީ، މާފުށީ ޖަލުން ޔާމީން ގެއަށް ބަދަލުކުރި ފަހުން ސޯޝަލް ސެންޓަރުގައި ބޭއްވި ސަޕޯޓަރުންގެ އެއްވުމަކާ އެކު އެވެ. ރިޔާސީ އިންތިހާބުގައި ލިބުނު ކާމިޔާބީގެ އަގުވަޒަންކޮށް، ސަޕޯޓަރުންނަށް ޝުކުރު ދެންނެވުމުގެ ގޮތުން އިންތިޒާމްކުރި އެއް ބައްދަލުވުމުގެ ވާހަކަ، ޔަމީން ގެއަށް ބަދަލުކުރި ދުވަހު، މަގުމަތީގައި ހުންނަވައި، ރައީސް މުއިއްޒު ދެންނެވި ކަމަށްވެ އެވެ. ނަމަވެސް ޔާމީން ހިތްހަމަޖެހިވަޑައިނުގެން ވިދާޅުވި ކަމަށް ވަނީ 'ފުރަތަމަ އުޅެންވީ އަޅުގަނޑު މިނިވަންކުރުމުގެ ކަންކަމުގައި ނޫންތޯ' އެވެ.
ނަމަވެސް ކުރިން ހަމަޖައްސާފައި އޮތް ކަމަކަށް ވާތީ، އެ ބޮޑު އެއްވުން ސޯޝަލް ސެންޓަރުގައި ބޭއްވި އެވެ. އެރޭ ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަން އުޅުއްވަނިކޮށް ޔާމީން ދެތިން ފަހަރަކު ފޯނުން ގުޅުއްވި ކަމަށްވެ އެވެ. ނަމަވެސް އެކަހަލަ ބޮޑު ބައްދަލުވުމެއްގައި އެވަގުތު ފޯނަށް ޖަވާބު ނުދެއްވޭނެތީ ރައީސް މުއިއްޒު އެ ފޯނެއް ނުނަންގަވަ އެވެ. އޭގެ ފަހުން ޔާމީން ދެން ގުޅުއްވީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފަށެވެ. ނަމަވެސް އެމަނިކުފާނު ވެސް އެ ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ވުރެ ބާރުގަދަ ވެރިޔަކު ނުހުންނަވާނެ އެވެ. ސަރުކާރުން ލިބޭ ފުރުސަތަށް ވުރެ ބޮޑު ފުރުސަތެއް ލިބޭނެ ގޮތެއް ވެސް، ރާއްޖޭގައި ނެތެވެ. އެހެންކަމުން މި ވަގުތު އެ ހުރިހާ ބާރެއް އޮތީ، ހަގީގަތުގައި ޔާމީނާ ދެކޮޅަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި މުއިއްޒުގެ އަތްޕުޅުގަ އެވެ.
0%
0%
0%
0%
0%
26 ފެބުރުވަރީ 2024
1
26 ފެބުރުވަރީ 2024
0
13 ޑިސެންބަރު 2023
0
21 ސެޕްޓެންބަރު 2023
5
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
15 ޖޫން 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
6 ޑިސެންބަރު 2023
1