އަޙްމަދު ވަޙީދު: ދައުލަތަށް 42 އަށްވުރެން ގިނަ އަހަރު ޙިދުމަތް ކުރެއްވި
އަޙްމަދު ވަޙީދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ކުރިން މީހުން ދިރިއުޅެމުން ދިޔަ ރަށެއް ކަމަށްވާ ނ. ތޮޅެންދޫ މުދިމުކަމުގެ މަގާމުގައި 24 ޑިސެންބަރު 1967 ގައެވެ.
އޭގެފަހުން، އެކިއެކި މަގާމުތަކުގައި 42 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައި ވެއެވެ. ފާއިތުވި ދިގު މުއްދަތުގައި، ނ. ވެލިދޫ ކުޑަކަތީބުކަމާއި، ނ. ތޮޅެންދޫ ކުޑަކަތީބުކަމާއި، ކަތީބުކަން ކުރެއްވިއެވެ. އަދި ނ. ކެނދިކުޅުދޫ ކަތީބުކަމާއި، ބޮޑުކަތީބުކަންވެސް ކުރެއްވިއެވެ.
ވަޙީދު ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ކެނދިކުޅުދޫ ކައުންސިލްގެ އިދާރާގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައެވެ.
ވަޙީދު، ޚިދުމަތްކުރެއްވި މުއްދަތުގެ ތެރޭގައި ނ. ތޮޅެންދޫގައްޔާއި، ނ. ކެނދިކުޅުދޫގައި، އަދި ޚާއްޞަ ގޮތެއްގައި ނ. ކެނދިކުޅުދޫ ކުޅުދޫ އަވަށުގައި، އިސްވެރިއެއްގެ ހައިސިއްޔަތުން ރަށުގެ ތަރައްޤީއަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ.
އެގޮތުން، ނ. ކެނދިކުޅުދޫ ޞިއްޙީ މަރުކަޒާއި، ކުޅުދޫ އަވަށުގެ އޮފީހާއި، ކުޅުދޫ އަވަށުގެ ސްކޫލާއި، ކުޅުދޫ އަވަށުގެ ބޮޑު މިސްކިތާއި، ކުޅުދޫ އަވަށުގެ ރަށްވެހިގެއާއި، ކުޅުދޫ އަވަށު ޕްރީސްކޫލް އަލަށް އިމާރާތް ކުރުމުގައި، އަދި ކުޅުދޫ އަވަށުގެ ފާލަން އަލަށް ހެދުމުގެ މަސައްކަތުގައި ވަޙީދު އަދާކުރެއްވި މުހިންމު ދައުރު ފާހަގަކޮށްލަންޖެހެއެވެ.
މީގެ އިތުރުން، ކެނދިކުޅުދޫ ސޯޝަލް ސެންޓަރާއި، ކެނދިކުޅުދޫ އާ އިންޖީނުގެއާއި، ކެނދިކުޅުދޫ ސެކަންޑަރީ ސްކޫލު އަލަށް އިމާރާތްކުރުމުގެ މަސައްކަތްވެސް މީގެ ތެރޭގައި ހިމެނެއެވެ. އަދި ކެނދިކުޅުދޫގެ ފަޅު ފުންކުރުމުގެ މަޝްރޫޢު ފެށުމާއި، ކުޅުދޫ އަވަށުގައި ރަށުގެ ރައްޔިތުން ދެމުން ގެންދިޔަ ކަރަންޓުގެ ޚިދުމަތް 24 ގަޑިއިރު ދޭން ފެށުމާއި، އަދި އެ އަވަށުގެ ކަރަންޓު، އެއް އިންޖީނުގެއަކުން ފޯރުކޮށްދިނުމަށްޓަކައި އަލަށް އިންޖީނުގެއެއް އިމާރާތްކުރުމުގެ މަސައްކަތަކީވެސް ވަޙީދުގެ މޭސްތިރިކަމުގެ ދަށުން ކުރައްވައިފައިވާ މަސައްކަތްތަކެވެ.
ވަޙީދު އަދާކުރެއްވި އިތުރު މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ރަށްކުރިއަރުވާ ކޮމިޓީގެ ރައީސް ކަމާއި، ރަށުއޮފީހުގެ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތާއި، އަތޮޅު ކުރިއަރުވާ ކޮމިޓީގެ މެންބަރުކަން ހިމެނެއެވެ.
މީގެ އިތުރުން، މާލޭގައި ދެވަނަފަހަރަށް ހުޅުވައި ޚިދުމަތްދޭންފެށި ނ. އަތޮޅު އަތޮޅުފިހާރައިގެ މެނޭޖަރު ކަމާއި، ކުރީގެ ރައީސް އިބްރާހީމް ނާޞިރުގެ ދައުރުގައި ޤާނޫނުއަސާސީއަށް ބަދަލުގެންނެވުމަށްޓަކައި އެއްކުރެއްވި ޚާއްޞަ މަޖިލީހުގެ ނ. އަތޮޅުގެ މެންބަރެއްގެ ގޮތުގައިވެސް ވަޙީދު ޚިދުމަތް ކުރައްވައިފައި ވެއެވެ.
އަޙްމަދު ވަޙީދު، 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތްކުރެއްވުމަށްފަހު ރިޓަޔަރ ކުރެއްވީ 15 އޮގަސްޓު 2012 ގައެވެ.
0%
0%
0%
0%
0%
26 ފެބުރުވަރީ 2024
1
26 ފެބުރުވަރީ 2024
0
13 ޑިސެންބަރު 2023
0
22 ނޮވެންބަރު 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1