މަޖިލިސް އިންތިހާބުގައި ކެނދިކުޅުދޫ ދާއިރާއަށް ވާދަކުރާ ތިން ކެންޑިޑޭޓުން -- ގްރެފިކްސް: އާޒިމް
އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކެނދިކުޅުދޫ ދާއިރާއަށް ވާދަ ކުރާ ކެންޑިޑޭޓުންގެ މެދުގައި ވާދަވެރިކަން އޮތް މިންވަރު ރޭ ދައުލަތުގެ މީޑިޔާއިން ކުރިއަށް ގެންދިޔަ މަޖިލިސް ބަހުސް ތެރެއިން ހާމަވި އެވެ.
ކެނދިކުޅުދޫ ދާއިރާއަށް ވާދަ ކުރަނީ ތިން ކެންޑިޑޭޓުންނެވެ. އެއީ ކެންޑިޑޭޓް ނަމްބަރު 1 - ހުސެއިން ސާލިމް މުހައްމަދު (އެމްޑީއޭ)، ކެންޑިޑޭޓް ނަމްބަރު 2 - އަބްދުﷲ ޝަހީދު (އެމްޑީޕީ) އަދި ކެންޑިޑޭޓް ނަމްބަރު 3 - މުހައްމަދު އަފޫ ހާމިދު (ޕީއެންސީ) އެވެ.
ތިން ފިކުރުގެ ތިން ކެންޑިޑޭޓުން މި ދާއިރާއަށް ވާދަ ކުރި ނަމަވެސް ބަހުސްއިން އެއް ކަމެއް ހާމަވި އެވެ. ތިން ކެންޑިޑޭޓުންގެ ވެސް ވިސްނުން ހުރީ ދާއިރާގެ ތަރައްގީއަށް މަސައްކަތް ކުރުމަށް ކަމެވެ.
ދާއިރާގެ ތަރައްގީއަށް އެ ތިން ކެންޑިޑޭޓުން ވެސް ކޮށްދޭނެ ކަމަށް ބަހުސްގައި ހާމަކުރި ބައެއް ކަންކަމަށް މި ލިޔުމުގައި ބަލާލާނަމެވެ.
އެމްޑީއޭގެ ކެންޑިޑޭޓު، ސާލިމްގެ ވާހަކައިގައި އޭނާ އަކީ ސަރުކާރު ދަމަހައްޓަން މަސައްކަތް ކުރާނެ މީހެއްކަން ފާހަގަކުރި އެވެ. އަދި ތަސައްވުރަކީ ދާއިރާގެ ރައްޔިތުންނަށް ދިރުން ގެނެސްދޭނެ މަސައްކަތްތަކެއް ކުރުން ކަމުގައި ބުންޏެވެ.
އެގޮތުން، ދާއިރާގެ ގެތަކަށް ފައިސާ ވައްދައި ބިމުގެ އަގަކީ އެއިން ރައްޔިތުންނަށް ފައިދާވާނެ ބޭންކްތަކުން ލޯނު ދޫކުރާނެ އަގަކަށް ހެދުމަކީ ގެންގުޅޭ ވިސްނުމެއްކަން ސާލިމް ފާހަގަ ކުރި އެވެ. އެއާއެކު ގެދޮރު އެޅުމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު އަންނާނެކަމަށް އޭނާ ދެކެ އެވެ.
އަދި ސިއްހީ ކުއްލި ހާލަތްތަކުގައި ފަރުވާ ދެވޭނެ ގޮތެއް ދާއިރާގެ ރަށްތަކުގައި މަގުފަހި ކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
ދެވަނަ ކެންޑިޑޭޓު، ޝަހީދު ފާހަގަކުރި ގޮތުގައި ދާއިރާގައި ހުރި އާންމު ރައްޔިތުންނަށް ދިމާވާ ކަންކަން ހައްލު ކުރުމަކީ އޭނާ އިސްކަން ދޭނެ ކަންތަކެވެ. ދާއިރާގެ ރަށްތަކަކީ ތައުލީމަށް ލޯބި ކުރާ ރަށްތަކަކަށް ވާތީ ތައުލީމީ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަކީ އޭނާ ކުރާނެ އެއް މަސައްކަތް ކަމުގައި އޭނާ ބުންޏެވެ.
އަދި މި ސަރުކާރުން ރިޒޯޓުތަކުގައި މަސައްކަތް ކުރާ ދިވެހިންގެ އަދަދު 30 އިންސައްތައަށް މަދު ކުރުމަށް ފަށާފައި ވުމަކީ ދާއިރާއަށް އެކަމުގެ ގެއްލުން ކުރާނެ ކަމެއްގެ ގޮތުގައި ފާހަގަ ކުރި އެވެ. އެއީ އޭގެ ފައިދާ ސީދާ މަހުޖަނުންނަށް ކޮށް އޭގެ ގެއްލުން ރައްޔިތުންނަށް ވާނެ ކަމަށް އޭނާގެ ވާހަކައިގައި ފާހަގަ ކުރި އެވެ. ޝަހީދުގެ ތަސައްވުރަކީ ދާއިރާގައި ހުރި މިފަދަ ކަންކަމަށް ހައްލު ހޯދައި ދިނުން ކަމުގައި އޭނާ ފާހަގަ ކުރި އެވެ.
ޕީއެންސީގެ ކެންޑިޑޭޓޫ، އަފޫގެ ވާހަކައިގައި ރައީސްގެ ތަސައްވުރާ އެއްގޮތަށް ދާއިރާގެ ރައްޔިތުންނަށް ބޭނުންވާ ތަރައްގީ ރަށްތަކަށް ގެނެސްދޭނެކަން ފާހަގަ ކުރި އެވެ. އަދި އެކަމަށް މަޖިލީހުގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ދޭނެ ކަމަށާއި އެންމެ އިސްކަމެއް ދޭނީ ތައުލީމާއި ސިއްހީ ދާއިރާގެ އިތުރުން ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލު ކުރުމަށް ކަމަށް އަފޫ ބުންޏެވެ.
ސާލިމްގެ ހިޔާލުގައި މިކަމަށް ހައްލު ހޯދޭނީ ބަނދަރާއި ހޮސްޕިޓަލް އެޅުމަށް ހަރަދު ކުރާ ފަދައިން ރައްޔިތުންގެ މި ކަންކަމަށް ވެސް ސަރުކާރުން އިންވެސްޓް ކޮށްގެންނެވެ. ދަނޑުވެރިކަމަށް އިންވެސްޓްކޮށް ގެސްޓްހައުސް ހިންގަން ބޭނުންވާ ފަރާތްތަކަށް ސަރުކާރު ތެރެއިން އެކަން ކުރެވޭނެ ފަސޭހަ ގޮތްތައް ހޯދައިދޭން ޖެހޭނެކަމަށް ސާލިމް ދެކެއެވެ.
ޝަހީދު ދެކޭ ގޮތުގައި ގިނަ ކަންކަމުގެ ހައްލަކީ އަދިވެސް ކައުންސިލްތަކަށް މިހާރަށްވުރެ ބޮޑަށް ބާރުތައް ދޫކޮށްލުމެވެ. އާންމު ރައްޔިތުންގެ މާލީ ފުދުންތެރިކަން ކަށަވަރު ކުރުމަށް ކުރެވޭ މި ފަދަ މަސައްކަތްތަކަކީ ކައުންސިލާއި ރައްޔިތުންނާ ގުޅިގެން ކުރަން ޖެހޭ މަސައްކަތްތަކުގެ ގޮތުގައި ޝަހީދު ދެކެ އެވެ.
އަފޫގެ ވާހަކައިގައި މި ފަދަ މަސައްކަތްތަކަށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން އަސަރު ކުރާކަމަށް ބުންޏެވެ. އެހެންކަމުން އޭނާ ނިސްބަތްވާ، މިހާރު މިއޮތް ސަރުކާރުން މިހާތަނަށް 200 ބިދޭސީން ޑީޕޯޓްކޮށްފައި ވުމަކީ އެކަން ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ގޮތުގައި އޭނާ ދެކެ އެވެ.
އަދި މި ސަރުކާރުގެ ހަފްތާ 14 އެކްޝަން ޕްލޭންގެ ތެރޭގައި ހިމެނިގެން 22 ދާއިރާގެ ވަޒީފާތައް ދިވެހިންނަށް ހާއްސަ ކުރުމަށް ނިންމާފައި އޮތް އޮތުމަކީ އޭގެ ހެޔޮ އަސަރު ދާއިރާގެ ރައްޔިތުންނަށް ކުރާނެ ކަމެއްގެ ގޮތުގައި އަފޫ ފާހަގަ ކުރި އެވެ. އަދި މިހާރު ވެސް، އާރްޑީސީ އާއި ކެނދިކުޅުދޫ ކައުންސިލާ ގުޅިގެން ރާއްޖޭގެ ރަށްތައް ޒީނަތްތެރި ކުރުމަށް ބޭނުންވާ ގަސް، އެ ރަށުގައި އިންދައި ވިއްކުމުގެ ޕްރޮގްރާމެއް ފަށައި، އެ މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ.
ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ގާނޫނީ ހައްލެއް ބޭނުންވާކަމަށް އެމްޑީއޭގެ ކެންޑިޑޭޓު، ސާލިމް ތަކުރާރުކޮށް ފާހަގަ ކުރި އެވެ. އެގޮތުން ބިންތައް އަގުކޮށް (ވެލިއުކޮށް) ހަ ޕަސެންޓަށް ވުރެ އިންޓްރެސްޓް ކުޑަ ލޯނެއް ތައާރަފް ކުރުމަށް ގާނޫނީ ގޮތުން މަސައްކަތް ކުރުމަކީ ސާލިމްގެ ވިސްނުމެވެ.
އަދި މަގްސަދަކީ ފުދުންތެރި ރައްޔިތުންތަކެއް ބިނާކުރުން ކަމަށާއި އެކަމަށް ބޭނުންވަނީ ހަމަ ޖެހޭ ދިރިއުޅުމެއްކަން ފާހަގަކުރި އެވެ. އެކަމަށް ބޭނުންވާ އެންމެ މުހިންމު އެއް ކަމަކީ ގެދޮރު ބިނާ ކުރުން ކަމަށާއި އެކަމަށް ގާނޫނީ ގޮތުން ހައްލު ގެނައުމަށް މަސައްކަތްތަކެއް ކުރަން ޖެހޭކަމަށް ސާލިމް ބުންޏެވެ.
ޝަހީދުގެ ވާހަކައިގައި ބޯހިޔާވަހިކަމުގެ މައްސަލައަކީ ހަގީގަތުގައި ވެސް ބޮޑު މައްސަލައެއްކަން ފާހަގަކޮށް، އެކަން ހައްލުކޮށްދެވޭނީ އެމްޑީޕީއަށް ކަމަށާއި އެކަން ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ހާމަވާކަމަށް ވިދާޅުވި އެވެ.
އެގޮތުން ރަށްރަށުގައި ރޯ ހައުސް އެޅުމުގެ މަޝްރޫއު މިހާތަނަށް ހިންގީ އެމްޑީޕީ ސަރުކާރުން އެކަނި ކަމަށާއި ކޮންމެ ރައްޔިތަކަށް ވެސް އަމިއްލަ ގޯތީގައި ގެދޮރު އެޅުމަށް ރަހުނަކާއި ނުލައި ދިގު މުއްދަތުން ދެއްކޭނެ ލޯނެއް ތައާރަފް ކުރީ ވެސް އެމްޑީޕީ ސަރުކާރުން ކަމަށް ވިދާޅުވި އެވެ.
އަދި މި ސަރުކާރުން ބައެއް ފްލެޓުތައް ރައްޔިތުންނަށް ނުދީ ހިފެހެއްޓުމަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމުގެ ނިޔަތެއް މި ސަރުކާރުގައި ނެތުން ކަމުގައި ޝަހީދު ފާހަގަ ކުރި އެވެ.
އަފޫގެ ވާހަކައިގައި މުޖުތަމައުގައި ހިނގާ ނޭދެވޭ ހުރިހާ ކަމެއް ގުޅިފައި ވަނީ ބޯހިޔާވަހިކަމުގެ މައްސަލަތަކާކަން ފާހަގަ ކުރި އެވެ. އަދި ދާއިރާގެ ރަށްތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ވެސް ބޯހިޔާވަހިކަމުގެ މައްސަލަކަމަށް އަފޫ ބުންޏެވެ.
އަދި ތާ އަބަދަށް ބޯހިޔާވަހިކަން މައްސަލަ ހައްލު ކުރުމަށް މި ސަރުކާރުން މަސައްކަތް ކުރާނެ ކަމަށާއި އަތޮޅު ތެރޭގެ ރައްޔިތުންނަށް ފަސް ޕަސެންޓަށް ވުރެ ކުޑަ އިންޓްރެސްޓެއްގައި ގެދޮރު އެޅުމަށް ލޯނު ދޫކުރާނެ ކަމުގެ ވައުދު މި ސަރުކާރުން ވެފައިވާކަން ފާހަގަ ކުރި އެވެ.
ފުރަތަމަ ކެންޑިޑޭޓް، ސާލިމްގެ ވާހަކައިގައި ރާއްޖޭގެ ރަށްތަކުގައި އަސާސީ ހިދުމަތްތައް ގާއިމްވާން ފެށީ ވަރަށް ފަހުންކަން ފާހަގަ ކުރި އެވެ. އަދިވެސް ގިނަ ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމްވެފައި ނެތީ ރާއްޖޭގެ ރަށްތައް ބެހިފައި އޮތް ގޮތުން ސަރުކާރުތަކަށް ރަށްތައް ބަލަހައްޓަން އުނދަގޫވުމުގެ ސަބަބުން ކަމަށް އޭނާ ފާހަގަކުރި އެވެ.
އެކަމަށް އޮތް ހައްލެއްގެ ގޮތުގައި ސާލިމް ހުށަހެޅީ މާލީ ޒިންމާ އާއި އާމްދަނީ ލިބުމަށް ގާނޫނީ ގޮތުން އޮތް ހުރަސްތައް ނައްތާލުމަށް މަޖިލިސް ތެރެއިން މަސައްކަތް ކުރުމެވެ.
އެމްޑީޕީގެ ކެންޑިޑޭޓު، ޝަހީދު ހުށަހެޅި ހައްލަކީ ވެސް ރައްޔިތުންނަށް ދިމާވާ މިފަދަ މައްސަލަތަކަށް ގާނޫނީ ހައްލު ހޯދުމެވެ. އަދި މި ކަންކަމުގެ ހައްލު ހޯދޭނީ މަޝްވަރާގެ އިތުރަށް ދިރާސާކޮށް އަދި މޮނިޓަރ ކުރުމާއެކު އޭގެ ޒިންމާ ކައުންސިލްތަކާއި ރައްޔިތުން އަދާ ކޮށްގެން ކަމަށް ޝަހީދު ދެކެ އެވެ.
ސަރުކާރުގެ ކެންޑިޑޭޓު، އަފޫގެ ވާހަކައިގައި އަސާސީ ހިދުމަތްތައް ކަށަވަރު ކުރެވިފައި ނުވާތީ މިހާރު ވެސް ދާއިރާގެ ރައްޔިތުން މާލެއަށް އައިސް އެ ހިދުމަތް ހޯދާކަން ފާހަގަ ކުރި އެވެ. ސަރުކާރުގެ ވައުދާ އެއް ގޮތަށް މެއި މަހުގެ ނިޔަލަށް ދާއިރާގެ ހަތަރު ރަށަށް ލެބޯޓަރީގެ ހިދުމަތް ގާއިމް ކުރެވިގެން ދާނެ ކަމަށާއި އޭގެ އިތުރުން ދާއިރާގައި އެންސްޕާ އަދި އާސަންދައިގެ ކައުންޓަރެއް ގާއިމް ކުރެވޭނެ ކަމަށް އަފޫ ބުންޏެވެ.
ތިން ކެންޑިޑޭޓުންގެ ވާހަކައިން ވެސް ދާއިރާއަށް އޮތް ތަސައްވުރު ހާމަވި އެވެ. އަސާސީ ބޭނުންތައް ފުއްދައި ދިނުމަށް މާލީ ގޮތުން ރައްޔިތުން އިތުރަށް ބާރުވެރިކުރެވޭނެ ގޮތްތައް ތިން ކެންޑިޑޭޓުން ވެސް ހުށަހެޅި އެވެ.
މި ތިން ކެންޑިޑޭޓުންގެ ތެރެއިން ދާއިރާއަށް އެންމެ ގާބިލު، ދާއިރާއަށް ކުރިއެރުން ގެންނާނެ ކެންޑިޑޭޓެއް ނިންމާނީ ރައްޔިތުންގެ ވޯޓުންނެވެ.
0%
0%
0%
0%
0%
26 ފެބުރުވަރީ 2024
1
13 ޑިސެންބަރު 2023
0
22 ނޮވެންބަރު 2023
0
21 ސެޕްޓެންބަރު 2023
5
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
15 ޖޫން 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
6 ޑިސެންބަރު 2023
1