ގްރެފިކްސް: މުހައްމަދު އާޒިމް | ރަށްފުށު
ދިވެހިރާއްޖެ އިޤްތިސާދީ ގޮތުން ގޯސް މިސްރާބަކަށްދާކަމަށް އެންމެ ހަރުއަޑުން ގޮވަމުން އަންނަނީ ސަރުކާރާ އިދިކޮޅު ސިޔާސީ ޕާޓީގެ ލީޑާޝިޕުންނެވެ. ދަރަނި ބޮޑުވެ ރާއްޖޭގެ ފަޅުތަކާއި ރަށްތައް ވެސް ވިއްކަން ޖެހިދާނެ ކަމަށާއި، ކުރިއަށް އޮތް އަހަރުތަކުގައި ދިވެހިން ނުކައި ނުބޮއެ ބަނޑަށް ޖެހިދާނެ ކަމުގެ ބިރުވެސް ދައްކައެވެ. އެކަމަކު އިދިކޮޅު ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކަށް ނަޒަރު ހިންގާލާނަމަ ފެންނަނީ ދިމާ އިދިކޮޅެވެ. ފުނި ފުންޏަށް، ފަތިފައްޗަށް ކޮންމެ ދުވަހަކު ދުވާލެއް، ރޭގަނޑެއް ނުބަލައި ވައުދުވަނީއެވެ.
ބަނގުރޫޓުވުމުގެ މަގުމަތީގައި އޮތް ދައުލަތަކާ ހަވާލުވެ އެފަދަ ވައުދުތަކެއް ފުއްދާނަމަ އެއީ ޚިޔާލަށްވެސް ގެންނަން އުނދަގޫ މިންވަރެއްގެ ފައިސާއެވެ. މާޒީއަށް ބަލާލާއިރުވެސް ސަރުކާރުތަކަށް ރައްޔިތުންގެ އިތުބާރު ގެއްލިފައި އޮތީ ރިޔާސީ ވައުދުތަކުގެ ބޮޑު ބުރައިގެ ސަބަބުންނެވެ. ވޯޓު ހޯދުމަށް ކެމްޕެއިންތެރޭ ވަމުންދާ ވަގުތީ ވައުދުތައް ފުއްދަން ނުކުޅެދުމެވެ. މުއިއްޒުގެ ވައުދުތައް ކިތަންމެހާވެސް ލޮލަށް ފަސޭހަވެފައި މީހުންގެ ހިތްތައް ރުހުނަސް ސުވާލަކީ އެ ވައުދުތައް އަސްލު ފައިސާއަށް ބަދަލު ކޮށްލުމުން އެއީ ހަމަ ހަގީގަތުގައިވެސް ކުރެވިދާނެ ކަމެއްތޯއެވެ. ވައުދުތަކުގެ ކުލަ ޖެއްސޭނެހާ ފައިސާ ޖެނެރޭޓް ކުރެވިދާނެތޯއެވެ. ނުވާނަމަ އެކަން ނިމިގެންދާނީ ހަމަ "ކީހާ ޅެން ފަރިއްސަށް" ވާ އުސޫލުގެ މަތިންތޯ މިއީ އުފެދޭ ސުވާލެވެ.
ޑރ. މުއިއްޒުގެ ކެމްޕޭނުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ކަހަލަ ގޮތަކަށް ދަތުރުކޮށް ކޮންމެ ރަށަކަށް ވެސް އެތައް ވައުދުތަކެއްވާ މަންޒަރު މިވީ ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ފެނިއްޖެއެވެ. އިދިކޮޅަށް ސަޕޯޓްކުރާ ގިނަބަޔަކު އެ ވައުދުތަކަށް އަތްޖަހައި ޕޯސްޓަރު ހަދައި އެކަމާ ފަޚުރުވެރިވާއިރު، އެކަން ތަންފީޒީ މަރުހަލާއަށް ގެންގޮސް ކުރާނެ ގޮތުގެ ޕްލޭނެއް މުއިއްޒު ނުދައްކަވަައެވެ.
މާލޭ ސަރަހައްދުގެ ގޯއްޗާއި ފްލެޓުތަކުގެ ވައުދުތައް
މި ކެމްޕޭނުގައި މުއިއްޒުގެ ވައުދުތަކުގެ ތެރެއިން ގިނަބަޔަކު އުފާކުރިާ އެއް ވައުދަކީ ހިޔާ ފްލެޓްތައް ހަދަން ދިޔަ ޚަރަދު ދިނުމަށްޓަކައި ކޮންމެ ފްލެޓަކަށް 2 ލައްކައެއްހާ ރުފިޔާ ސަރުކާރުން ދޭނަކަމަށް ބުނި ވައުދެވެ. އެވައުދު ފުއްދާނަމަ 1،344،000،000 (އެއް ބިލިއަން، ތިންސަތޭކަ ސާޅީސް ހަތަރު މިލިއަން) ރުފިޔާ ފުރަތަމަ އަހަރު ހޭދަވާނެއެވެ.
އެޔަށްފަހު ދެން މުއިއްޒުގެ ވައުދުތަކުގެ ތެރެއިން ފާހަގަވި އަނެއް ވައުދަކީ ވިނަރެސް ފްލެޓްތަކުގެ ޑައުން ޕޭމަންޓް މައާފްކޮށްދިނުމެވެ. އެކަން ކުރުމަށް ދައުލަތުގެ ބަޖެޓުގެ ބޭރުން ފުރަތަމަ އަހަރު 687،500،000 (ހަ ސަތޭކަ އައްޑިހަ ހަތް މިލިއަން ފަސް ލައްކަ) ރުފިޔާ ހޭދަވާނެއެވެ. އަދި ހަމަ އެއާއެކު ވިނަރެސް ފްލެޓްތަކުގެ މަހުކުލި ކުޑަކުރުން ވެސް އެއީ މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެކަމަށް 140،250،000 (ސަތޭކަ ސާޅީސް މިލިއަން ދެލައްކަ ފަންސާސް ހާސް) ރުފިޔާ ބޭނުންވާނެއެވެ. ފަސްއަހަރަށް 701،250،000 (ހަތް ސަތޭކަ އެއް މިލިއަން ދެލައްކަ ފަންސާސް ހާސް) ރުފިޔާ އެކަމަށް ބޭނުންވާނެއެވެ.
މީގެ އިތުރުން މިހާރު އަޅާފައިވާ ކުންފުނިތަކުގެ ފްލެޓްތަކުގެ ކުލި ކުޑަކުރުން ވެސް އެއީ މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ބުރަބޮޑު ވައުދެކެވެ. އެކަމަށް 72،000،000 (ހަތްދިހަ ދެ މިލިއަން) ރުފިޔާ އަހަރަކަށް ބޭނުންވެއެވެ. ފަސް އަހަރަށް ބަލާނަމަ 360،000،000 (ތިން ސަތޭކަ ފަސްދޮޅަސް މިލިއަން) ރުފިޔާ ސަރުކާރުން އިތުރަށް ދައްކަން ޖެހޭނެއެވެ. އަދި އެހެންމެ ހުޅުމާލެއާއި ގުޅީފަޅާއި ގިރާވަރު ފަޅުން ދޫކުރާ ގޯތީގައި ގެ އެޅުމަށް ދޫކުރާ އެހީއަކީ ވެސް އެފަދަ ވައުދެވެ. އެކަމަށް 13،680،000،000 (ތޭރަ ބިލިއަން ހަ ސަތޭކަ އަށްޑިހަ މިލިއަން) ރުފިޔާ ބޭނުންވެއެވެ. ފަސް އަހަރު ނިމޭއިރު 68،400،000،000 (ފަސްދޮޅަސް އަށް ބިލިއަން ހަތަރުސަތޭކަ މިލިއަން) ރުފިޔާ ހޭދަވާނެއެވެ.
މުއިއްޒުގެ އެއްފަސް ކުރުމުގެ ސިޔާސަތުގެ ތެރެއިން އެންމެ ބޮޑު އެއް ވައުދަކީ މާލޭ ސަރަހަދުގައި 65000 ހައުސިންގ ޔުނިޓް އެޅުމެވެ. އެކަމަށްޓަކައި މިހާރުގެ އަގުންނަމަ 19،500،000،000 (ނަވާރަ ބިލިއަން ފަސް ސަތޭކަ މިލިއަން) ރުފިޔާ ފުރަތަމަ އަހަރު ބޭނުންވާނެއެވެ. ފަސް އަހަރު ތެރޭގައި އެކަން ނިންމާނަމަ ޖުމްލަ 97،500،000،000 (ނުވަދިހަ ހަތް ބިލިއަން ފަސް ސަތޭކަ މިލިއަން) ރުފިޔާ ހޭދަވާނެވެ. އަދި އެޔާއެކު ފުށިދިއްގަރު ފަޅު ހިއްކުމަކީ ވެސް މުުއިއްޒުގެ ބޮޑެތި ވައުދުތަކުގެ ތެރެއިން ވައުދެކެވެ. އެކަމަށްޓަކައި 4،000،000،000 (ހަތަރު ބިލިއަން) ރުފިޔާ ބޭނުންވެއެވެ. މުޅި ޕްރޮޖެކްޓް ނިންމަން ފަސް އަހަރަށް 8،000،000،000 (އަށް ބިލިއަން) ރުފިޔާ ބޭނުންވާނެ ކަމަށް އަންދާޒާ ކުރެވެއެވެ.
މުއިއްޒު އަތޮޅުތަކަށް ވެފައިވާ ބައެއް ވައުދު
ރިޔާސީ އިންތިހާބުގައި ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް އޮންނަ އަތޮޅުތަކުގެ ތެރެއިން މުއިއްޒަށް ކާމިޔާބުނުވި އަތޮޅަކީ އައްޑޫއެވެ. އެކަމަކު އައްޑޫއަށް ވެސް މުއިއްޒުގެ ވައުދުތައް ގިނައެވެ. އޭގެ ތެރެއިން އައްޑޫ ހިތަދުއާއި ހުޅުމީދުއާ ދެމެދު ބްރިޖަކީ މުއިއްޒުގެ ބޮޑު ވައުދެކެވެ. މި ބުރިޖް އެޅުމަށް ފުރަތަމަ އަހަރު 1،200،000،000 (އެއް ބިލިއަން ދުއިސައްތަ މިލިއަން) ރުފިޔާ ބޭނުންވާނެއެވެ. ފަސް އަހަރުގެ ތެރޭގައި ބްރިޖް ނިންމުމަށް ޖުމްލަ 6،000،000،000 (ހަ ބިލިއަން) ބޭނުންވާނެއެވެ.
މީގެ އިތުރު ހުވަދު އަތޮޅު ގާދޫ ޓްރާންޝިޕްމަންޓް ބަނދަރުވެސް އޮތީއެވެ. އެކަމަށް ފުރަތަމަ އަހަރު 1،600،000،000 (އެއް ބިލިއަން ހަ ސަތޭކަ މިލިއަން) ރުފިޔާ ބޭނުންވާނެއެވެ. އެމަޝްރޫއު ފަސް އަހަރު ތެރޭގައި ނިންމާއިރު އެދައުރުގެ ތެރޭގައި 8،000،000،000 (އަށް ބިލިއަން) ރުފިޔާ ހޭދަވާނެއެވެ.
އަދި އެހެންމެ 1000 ފަގީރުން ހައްޖަށް ފޮނުވުމަކީ ވެސް މުއިއްޒުގެ ބޮޑު ވައުދެކެވެ. އަހަރަކު 1000 މީހުން ފޮނުވަން ބަލާއިރު، އެންމެ ކުޑަ އަގެއްގައިވެސް އެކަން ކުރަން ބޮލަކަށް 80 ހާސް ހަރަދުވާއިރު، އެއީ އަހަރަކަށް 80،000،000 (އަށްޑިހަ މިލިއަން) ރުފިޔާއެވެ. ފަސް އަހަރަށް ބަލާނަމަ އެއީ 400،000،000 (ހަތަރު ސަތޭކަ މިިލިއަން) ރުފިޔާއެވެ.
މުސާރަ ބޮޑު ކުރުމުގެ ވައުދު
ފުލުހުންނާއި ސިފައިންގެ މުސާރަ ދެގުނައަށް ބޮޑު ކުރާނެ ކަމަށް މުއިއްޒުވެވަޑައިގެންނެވި ވައުދަކީ ވެސް ކުޑަ ވައުދެއް ނޫނެވެ. އެކަން ކުރުމަށް އަހަރަކު 4،900،000،000 (ހަތަރު ބިލިއަން ނުވަ ސަތޭކަ މިލިއަން) ރުފިޔާ ބޭނުންވާނެއެވެ. ސިފައިންނާ ފުލުހުން އިތުރުނުކޮށް އެއަދަދުން މުސާރަ ދޭނަމަ ފަސް އަހަރަށް 24،500،000،000 (ސައުވީސް ބިލިއަން ފަސް ސަތޭކަ މިލިއަން) ރުފިޔާ ބޭނުންވާނެއެވެ.
އަދި އެޔާއެކު އެކަނިވެރި މައިންނަށް ދޭ އިނާޔަތް ބޮޑުކުރުން ވެސް ހިމެނެއެވެ. އެކަމަށްޓަކައި މިހާރު ތިބި އެފަދަ މައިންނަށް އެކަނިވެސް އަހަރަކު 1،620،000،000 (އެއް ބިލިއަން ހަ ސަތޭކަ ވިހި މިލިއަން) ރުފިޔާ ހޭދަވާނެއެވެ. މިވަގުތު ރާއްޖޭގައި ތިބި އެކަނިވެރި މައިންނަށް ބެލިކަމުގައިވިޔަސް ފަސް އަހަރުގެ ތެރޭގައި 8،100،000،000 (އަށް ބިލިއަން ސަތޭކަ މިލިއަން) ރުފިޔާ މިކަމަށް ހޭދަވެއެވެ.
މި ވައުދުތަކަށް ފައިސާ ޚަރަދުވާނެ ވަރު އެއީ މިހާރުގެ އިންފްލޭޝަން ރޭޓާއި، އަގުތަކަށް ބަލައި އަންދާޒާ ކުރެވޭ އަދަދުތަކެކެވެ. ނަމަވެސް ދުނިޔޭގެ އިންފްލޭޝަން ރޭޓަށް އަންނަ ބަދަލުތަކަށް ބަލައި މި އަދަދުތައް އުފުލުމަކީވެސް ގާތް ކަމެކެވެ. ދައުލަތުގެ ބަޖެޓަކީ މިހާރު ގާތްގަނޑަކަށް 35 ބިލިއަން ރުފިޔާ ކަމަށްވާއިރު، އެއީ ސިވިލް ސަރވަންޓުންގެ މުސާރައާއި އާސަންދައާއި ސަބްސިޑީތަކާއި ދައުލަތް ހިންގުމުގެ އެހެނިހެން ޚަރަދާއި ތަރައްގީގެ މަޝްރޫއުތަކާއެކު މުޅި އަހަރު ދައުލަތް ހިންގަން ޚަރަދުވާ މިންވަރެވެ. އެކަންކަން ކޮށްފައި އިތުރަށް މުއިއްޒުގެ މި ބޮޑެތި ވައުދު ފުއްދަން 49 ބިލިއަން ނުވަތަ 50 ބިލިއަންވަރު އަހަރަކަށް އެބަ ބޭނުންވެއެވެ.
މަތީގައި އެވާ މުއިއްޒުގެ ބޮޑެތި ވައުދުތަކަށް އެކަނިވެސް މުޅި ޖުމްލަ ފުރަތަމަ އަހަރު 48،823،750،000 (ސާޅީސް އަށް ބިލިއަން އަށް ސަތޭކަ ތޭވީސް މިލިއަން ހަތް ލައްކަ ފަންސާސް ހާސް) ރުފިޔާ ބޭނުންވެއެވެ. އަދި ފަސް އަހަރު ނިމޭއިރު 223،992،750،000 (ދުއިސައްތަ ތޭވީސް ބިލިއަން ނުވަ ސަތޭކަ ނުވަދިހަ ދެ މިލިއަން ހަތް ލައްކަ ފަންސާސް ހާސް) ރުފިޔާ ބޭނުންވާނެއެވެ.
މިއީ މުއިއްޒުގެ ބޮޑެތި ބައެއް ވައުދުތަކެވެ. މީގެ އިތުރުންވެސް ކޮންމެ ރަށަކަށް ކަހަލަ ގޮތަކަށް އިތުރު އެތައް ވައުދުތަކެއް ވަނީ ވެފައެވެ. އެގޮތުން އެތައް ރަށެއްގައި އެއާޕޯޓު އެޅުމާއި، ފުޓުބޯޅަ ދަނޑުތަކާއި ބަނދަރުތައް ހިމެނޭއިރު، މުއިއްޒުގެ ޕްލޭންގައި ބުނާ ގޮތުން އިތުރު ޓެކްސްއެއް ނުނަގާނެ ކަމަށާއި، އިތުރު ފީތައްވެސް އުވާލާނެ ކަމަށާއި، އަދި ލޯނު ނެގުންވެސް މަދުކުރަން ވަނީ ވައުދުވެފައެވެ.
ދެ އަހަރުގެ ތެރޭ ބިލިއަން ޑޮލަރުގެ ލޯނު ދައްކަން ޖެހޭ!
ނިމިގެންދިޔަ 2022 ވަނަ އަހަރު ހިމަނައިގެން 2025 ވަނަ އަހަރާ ހަމައަށް އެވަރެޖުކޮށް އަހަރަކު 367 މިލިއަން ޑޮލަރު ދަރަނި ދައްކަން ހަރަދުކުރަން ޖެހެއެވެ. ނަމަވެސް 2026 ވަނަ އަހަރު 800 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މިހާ ބޮޑު އަދަދެއް ދައްކަން ޖެހެނީ ސަރުކާރުން ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކާއި 100 މިިލިއަން ޑޮލަރުގެ އަބޫދާބީ ބޮންޑަށް އަނބުރާ ފައިސާ ދައްކަން ޖެހޭތީ އެވެ.
އޭޑީއެފްޑީން ނަގާފައިވާ 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ)ގެ ލޯން
މިދިޔަ އަހަރު ވިއްކި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ ސްކޫކް
މިއީ އެއް އަހަރެއްގެ ތެރޭގައި މިހާ ބޮޑު އަދަދެއް ރާއްޖެއިން ދަރަންޏަށް ދައްކަން ޖެހޭ ފުރަތަމަ ފަހަރެވެ. ދައުލަތުގެ ދަރަނި މި އަހަރު ނިމޭ އިރު 103 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފައިވެއެވެ. މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 112 ޕަސެންޓެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕެއިނެއްގައި ވައުދުވުމަކީ މައްސަލައެއް ނޫނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް މިއިންތިޚާބާއި ދިމާކޮށް އެތައް ވައުދުތަކެއް ވެވަޑައިގެންފައިވެއެވެ. ތަފާތަކީ މިރާއްޖެ ދަރާ ވިކި، ބަނގުރޫޓޫވެފައިވާކަމަށް ދެއްކުމަށް އިދިކޮޅުން ކުރަމުންދާ މަސައްކަތެވެ. ދައުލަތުގައި އެއްވެސް ފައިސާއެއް ނެތްކަމަށާއި ހުރީ ހުސް "ލައްޑޫ"ކަމަށް ބުނުމަށްފަހު ވެރިކަމަށް އާދެވިއްޖެނަމަ ކުރަން ބުނެލާ ކަންކަމުން ދައުލަތް ބަނގުރޫޓުވެފައި އޮތް މިންވަރު ނުފެންނާތީއެވެ. އެބުނާ މިންވަރަށް ބަނގުރޫޓުވެފައި އޮތް ދައުލަތަކުން މިހާ ބޮޑެތި ޕްރޮޖެކްޓްތައް ހިންގާ، މުސާރައާއި އިނާޔަތްތައް ދެގުނަކޮށް، ކުއްޔާއި ފީތައް ކުޑަކޮށް މައާފްކުރާނެ ގޮތެއް ހަމަ ނުވިސްނެނީއެވެ.
0%
0%
0%
0%
0%
ސިޔާމް
22 ސެޕްޓެންބަރު 2023
ވެން ވީ ލިވް އަންޑަ ވޯޓާ، މާދާ ސްޓޮމަކް
އަދުރޭ
22 ސެޕްޓެންބަރު 2023
2 + 50 = 2 ލައްކަ
އައްޒަ
22 ސެޕްޓެންބަރު 2023
މުއިއްޒު ތީ ކަމުދާ މީހެއް ނޫން. ތިއީ ވާވަރު ކަންކަމެއް ނޫން އެއްގޮތަކަށްވެސް. ނުހޮވާނަން ނުހޮވާނަން ނުހޮވާނަން!
ސަމާ ޓިކްޓޮކް
22 ސެޕްޓެންބަރު 2023
ހޮޅި މުއިއްޒުގެ ހޮޅި ވައުދު
ރަޓު މީހާ
22 ސެޕްޓެންބަރު 2023
މިއީ ސިޔާސީ އެކްޓިވެސްޓެއްގެ ޕޯސްޓެއްތަ. ހަޖަމް ކޮއްލާ ކޮޔާ.
26 ފެބުރުވަރީ 2024
1
26 ފެބުރުވަރީ 2024
0
13 ޑިސެންބަރު 2023
0
22 ނޮވެންބަރު 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
15 ޖޫން 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
6 ޑިސެންބަރު 2023
1