ކެނދިކުޅުދޫގެ ކުޅީގައި ބޭންގު ހިފަން ކުރާ މަސައްކަތުގެ ތެރެއިން --- ފޮޓޯ/ކެނދިކުޅުދޫ ކައުންސިލް
12 މާރިޗު 2023
0
ރާއްޖޭގައި އުފެދިފައި ހުރި ސަތޭކަ އެތައް ރަށެއްގެ ތެރެއިން ނ.ކެނދިކުޅުދޫ އެންމެ ހާއްސަވާ އެއްކަމަކީ އެ ރަށުގެ ކުޅިތަކާއި ޗަކަބިމެވެ. ރާއްޖޭގެ ބިމުގެ ނިސްބަތުން އެންމެ ބޮޑު ކުޅިއާއި ޗަސްބިން ވެސް އޮންނަނީ މި ރަށުގައެވެ. ޖުމުލަ ނުވަ ކުޅިއެއް އޮންނަ އިރު، ރަށުގެ އިރުމަތީ ފަރާތް އެކީއެކަށް އޮންނަނީ ކުޅިއާއި ޗަސްބިންތަކުން ފުރާލައިފައެވެ.
މިއީ އެ ރަށު މީހުންނަށް އެންމެ އިހުޒަމާނުއްސުރެން އެތައް ގޮތަކުން ބޮޑު އެހީއަކަށް ވެފައި އޮތް ތަންތަނެވެ. އެ ސަރަހައްދުގައި ހުންނަ މޭވާ ގަސްތަކާއި، ލަކުޑިއާއި އެ ނޫންވެސް އެތައް ބޭނުމެއް އެތަންތަނުން ކުރެވެއެވެ. އޭގެ ތެރެއިން ވެސް އެންމެ ހާއްސަ އެކައްޗަކީ އެ ރަށު ކުޅިތަކުގައި އާލާ ކުރާ "ބޭންގު" ނަމަކަށް ކިޔާ މަސްތަކެކެވެ. މިއީ ކެނދިކުޅުދޫ މީހުން މިއަދާ ހަމައަށް ވެސް ފަޙުރުވެރިވާ، އެ ރަށުގެ ރަށުވަންތަކަން އެންމެ ބޮޑަށް ރަމްޒުވާ މަހުގެ ބާވަތްކަމަށް ރަށުގެ ކޮންމެ މީހަކުވެސް ހެކިވާނެއެވެ.
ބޭންގުރިހައަކީ މިއަދާ ހަމައަށް ވެސް އެ ރަށުގައި އެންމެ މަޝްހޫރުއެއް ކެއުމެވެ. ކަރުގައި ދެފަހަރު، ތިންފަހަރު ކަށްޓެއް ތާށިވިޔަސް މާބޮޑު ފަރުވާލެއް ނުބަހައްޓާ އަނެއްކާވެސް އަނެއް ބޭންގު ކާލުމަކީ ހަމަ ކެނދިކުޅުދޫގެ ކޮންމެ ރައްޔިތެއްވެސް އަދާހަމައަށް ނުކޮށް ދޫކޮށްނުލައި އޮތް އާދައެކެވެ.
ކެނދިކުޅުދޫގައި ބޮޑެތި ކުޅިތައް އޮތެއްކަމަކު އެ ރަށުގެ ގިނަ ކުޅިތަކަކީ ބޭންގު ވިހައި، ގުދުރަތީގޮތުން އާލާވާ މިންވަރު ނިސްބަތުން މަދު ރަށެއް ކަމަށް ތާރީހުތަކުން ހެކިދެއެވެ. އެހެންކަމުން ބޭންގު އާލާ ކުރުމަށް އެ ރަށުން ކުރާ ކަމަކީ އަތޮޅުތެރޭގައި ހުރި ބައެއް ރަށްރަށުން "ފަނި ބޭންގު" ގެންނަނީއެވެ. ފަނި ބޭންގަކީ ބޭންގު އެންމެ ޅަ އުމުރުގައި ހުންނައިރު ކިޔައި އުޅޭ ނަމެކެވެ. ބުނެވޭ ގޮތުގައި އެ ނަން އެގޮތަށް ކިޔަނީ ފަންޏެއް ގޮތުގައި ބޭންގު ހުންނާތީއެވެ.
އާއްމުކޮށް ފަނި ބޭންގު ގެންނަ ރަށްރަށަކީ އެ އަތޮޅު މާޅެންދޫއާއި ށަވިޔަނި އަތޮޅު ފުނަދޫއެވެ. މި ދެ ރަށުގައި އޮންނަ ކުޅިއަކީ ގުދުރަތީގޮތުން ބޭންގު ވިހައި އާލާވާ މިންވަރު ގިނަ ދެ ރަށެވެ. އެހެން ކަމުން މި ދެ ރަށާއެކު ކައިރި އެހެން ފަޅުރަށްތަކުން ކެނދިކުޅުދޫއަށް ބޭންގު ފަނި ގެނެސް ކުޅިތަކަށް އަޅާލަނީއެވެ. މީގެން ދޭހަވާ އެއްކަމަކީ އޭރުވެސް އަވަށްޓެރި ރަށްރަށާއި ކެނދިކުޅުދޫއާއި އިޖުތިމާއީ ގާތް ގުޅުމެއް އޮތް ކަމެވެ.
ކެނދިކުޅުދޫގެ ބޮޑެތި ކުޅިތައް ކަމަށްވާ މައިފަޅާއި، ދިމާފަޅު، ތޮޅިފަޅުގެ އިތުރުން ގަނބާފަޅު އަދި އެހެން ކުޅިތަކުގައި ވެސް ބޭންގުތައް ބޮޑުވަންދެން ރަށުގެ ރައްޔިތުން ތިބެނީ ކެތްތެރިކަމާއެކު އެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކީ ބޭންގަކީ އެ ރަށުގެ ރައްޔިތުންގެ ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށް ކުރެވިފައިވާ ވަރަށް މުހިއްމު މަސައްކަތެއް ކަމަށްވާތީއެވެ. އެއީ ހުޅަނގުގެ ގަދައިގައި، މަސްވެރިކަން ދަށް ދުވަސްވަރުތަކުގައި އޮޑިތައް އެހެލާފައި އޮންނަ އިރު ވެސް އެ ރަށު ރައްޔިތުންނަށް ލައިގެން ކާނޭ މަސް ދަތި ދުވަސްވަރެއް ނައުމަށް އޮތް ބާރެއް ކަމަށްވާތީއާވެސް އެކުގައެވެ.
ބޭންގު ހިފުމަކީ ވެސް އެ ރަށު ރައްޔިތުން ވަރަށް ފަރުވާތެރިކަމާއެކު އަދި ނިޒާމީ ގޮތެއްގައި ކުރާ ކަމެކެވެ. ބޭންގު ހިފުމަށް އޭރު ބޭނުންކޮށް އުޅެނީ ފަންގަނޑު ދަމައިގެންނެވެ. ނުވަތަ "ރޮދު" ލައިގެންނޭ ވެސް ކިޔައި އުޅެއެވެ. ކުޅިއަށް ބޭންގު ހިފަން އެރޭނީ ފަންގަނޑު ހިފައިގެންނެވެ. ފަންގަނޑުގައި ބޭންގެ ޖެހުމުން ނުވަތަ ކައިރިވުމުން އެސޮރުމެން މައްޗަށް ފުމެން ފަށައެވެ. ފުމޭ ބޭންގުތައް ހިފުމަށް އޭރު ގެންގުޅެނީ ދަނޑިއާއި ފޮށާ ބޭނުންކޮށްގެން ހަދާފައި ނެޓެއް ފަދަ އެއްޗެކެވެ. މިގޮތަށް ބޭންގު ހިފުމުން ބޭންގުތަކަށް ވާ ގެއްލުން ކުޑަވެފައި އޭގެ ތާޒާކަން ދެމިހުންނަކަމަށް އެ ރަށު މީހުން ބުނެއެވެ.
ބޭންގު ހިފައި ނިމުމުން ވެސް ކަންތައް ކުރަނީ ތަފާތު ގޮތަކަށެވެ. ފޮށައި ހިފައިގެން ބޭންގު ހިފަން އެރި އުޅުނު ކޮންމެ މީހަކު އެއް ބޭންގު ނުވަތަ ދެ ބޭންގެއް ވަރު "އަތު ބޭންގު" ގެ ގޮތުގައި ނަގާނެއެވެ. އެއީ އެ މީހުން ކުރި މަސައްކަތަށް ދޭ އުޖޫރު ނުވަތަ ހަދިޔާއެކެވެ. ބާކީ ހުރި ހުރިހާ ބޭންގެއް ރަށުގެ ކޮންމެ ގެޔަކަށް ވެސް އެ ގޭގައި ދިރިއުޅޭ މީހުންގެ ނިސްބަތުން ބަހާލާނީއެވެ. މިގޮތަށް ކަންތައް ކުރުމުން ބޭންގު ހިފައި ކޮންމެ ފަހަރަކު ރަށުގެ ކޮންމެ ރައްޔިތަކަށް ވެސް ބޭންގެއް ލިބޭނެއެވެ.
މިކަމަކީ ވަރަށް ފަހަކާ ޖެހެންދެން ކުރަމުން އައީ މަޖާ، އަދި ފައިދާކުރުވަނިވި އާދަކާދައިގެ ތެރެއިން ކަމެކެވެ. އުންމީދަކީ މިފަދަ ރީތި އާދަތައް ދެން އޮތް ޖީލުތަކާ ހަމައަށް ވެސް ދެމިގެން ދިއުމެވެ.
0%
0%
0%
0%
0%
12 މާރިޗު 2023
0
12 މާރިޗު 2023
0
12 މާރިޗު 2023
0
12 މާރިޗު 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
15 ޖޫން 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
6 ޑިސެންބަރު 2023
1