ހަމަ ކޮންމެ 5 އަހަރަކުން ބަދަލުކުރުން މުޙިންމު ހެއްޔެވެ؟!

Hama komme 5 aharakun badhalukurun muhimmu heyye

ރާއްޖޭގައި އެންމެ ފަހުން އިންތިހާބު ކާމިޔާބުކުރެއްވި 4 ރައީސުން

4

ޒަމާނީ ޑިމޮކްރަސީތަކުގައި ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ކިބައިން ފެށިގެން އަންނަ ވެރިކަމުގެ ނިޒާމެކެވެ. ޤާނޫނުގައި ބުނާ ވެރިކަމުގެ ދަޢުރު ހަމަވުމުން އާ ވެރިޔަކު ހޮވުމަށްޓަކައި ކޮންމެ 5 އަހަރަކުން އެއްފަހަރު ރައްޔިތުންގެ ޢާންމު  މިނިވަން އިންތިޚާބެއް އެފަދަ ކޮންމެ ޤައުމެއްގައިވެސް ބާއްވައެވެ. މި ކުޑަކުޑަ ދިވެހިރާއްޖޭގައިވެސް މެއެވެ. އިންތިޚާބު އިޢުލާނު ކުރުމާއެކު، ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ޙައިސިއްޔަތުން ކެންޑިޑޭޓުން ކުރިމަތި ލައްވައެވެ. ޝަރުޠުހަމަވާ ކެނޑިޑޭޓުންގެ ނަންތައް ކަމާބެހޭ އިދާރާއިން ތަރުތީބުކުރުމާއެކު އެބޭފުޅަކަށް ލިބިލެއްވި ނަންބަރާއި ސިޔާސަތުތަކާއި ތަސައްވުރު ނުވަތަ މެނިފެސްޓޯ ހިއްޕަވައިގެން ރައްޔިތުންގެ ގާތަށް ދިއުމަށް ދަތުރު ފައްޓަވައެވެ. މިއީ ހަމަ ކޮންމެ އިންތިޚާބެއްގެ ކުރިންވެސް މިކަން އޮންނަގޮތެވެ. 

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ބަޔާންކޮށްފައި ވާގޮތުންނަމަ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި އެކަކަށް ޖައްސަޖައްސައިގެން ވެރިކަމުގައި ހުންނެވޭނީ ރިޔާސީ ފުހިހަމަ 2 ދައުރުގައެވެ. ޖުމުލަ 10 އަހަރުއެވެ. ސުވާލަކީ މިހައްޤު ހަމަ ކޮންމެ ކެނޑިޑޭޓަކަށްވެސް ނުވަތަ ކޮންމެ ރައީސަކަށްވެސް ކަށަވަރު ކޮށްދީފައި ވާއިރު، ހަމަ ކޮންމެ 5 އަހަރަކުން ވެރިކަން ބަދަލުކުރުން ލާޒިމުތޯއެވެ؟ ތިމާ ތަމްސީލުކުރާ ސިޔާސީ ޕާޓީގެ ކެންޑިޑޭޓަކީ ވެރިކަމުގެ ޒިންމާ ފުރިހަމައަށް އަދާކުރެއްވޭނެފަދަ ޤާބިލުކަމެއް ނެތް މީހަކުކަން އެނގި ހުރެވެސް ވެރިކަމަށް ގެނައުން ކޮންމެހެން މުޙިއްމު ހެއްޔެވެ؟

ރައްޔިތުންގެ ވަލިއްޔުލްޢަމްރަކީ އެ ރައްޔިތުމީހާގެ ހަމަބުއްދިން ވިސްނާ ފިކުރުކޮށް ، ކުރިމަތިލައްވައިގެން އުޅުއްވާ އެންމެހާ ކެންޑިޑޭޓުން އަޅާކިޔުއްވާ، އޭގެ ތެރެއިން އެކަމަށް އެންމެ އެކަށީގެންވާ ބޭފުޅަކު އިޚްތިޔާރުކޮށް ވޯޓުލައިގެން ހޮވަން ޖެހޭ ފަރާތެކެވެ.

ކުރިޔަށް މިއޮތް މޫސުމަކީ ދިވެހި ޖުމްހޫރިއްޔާގެ ފެހި ޤާނޫނު އަސާސީން މިރާއްޖޭގައި ބޭއްވޭ 4 ވަނަ ރިޔާސީ އިންތިޚާބުގެ މޫސުމެވެ. ކެނޑިޑޭޓުން ކުރިމަތި ލައްވާ ފޯމުތައް މުއްދަތުގައި ހުށަހަޅުއްވައިފިއެވެ. ޝަރުޠު ހަމަވާ ފަރާތްތަކުގެ ކެންޑިޑެންސީ ޤަބޫލުކޮށް ގުރުއަތުލައި ނަންބަރުތައް ތަރުތީބުކޮށްފިއެވެ. އެއާއެކު އެ ކެނޑިޑޭޓެއްގެ ނަންބަރާއި ސިޔާސަތު ތަކާއި މެނިފެސްޓޯ ނުވަތަ ''ވައުދު'' ތައް ހިއްޕަވައިގެން ދަތުރުތައް ފައްޓަވައިފިއެވެ. މީގެ ތެރޭގައި އަމިއްލަ ޙައިސިއްޔަތުން ކުރިމަތިލެއްވި 3 ކެންޑިޑޭޓަކާއި ސިޔާސީ 05 ޕާޓީއަކުން ކުރިމަތިލެއްވި 05 ކެންޑިޑޭޓުންނާއެކު ޖުމުލަ 8 ކެންޑިޑޭޓުން ހިމެނެއެވެ. 

މިދެންނެވި 8 ކެނޑިޑޭޓުންގެ ރިޔާސީ ސިޔާސީ ވަޢުދުތަކާއި ގެންގުޅުއްވާ ތަސައްވުރު އެއްބޭފުޅަކު އަނެއްބޭފުޅަކާއި ތަފާތެވެ. ތިރީގައި އަލިއަޅުވާލެވިފައިވާނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު 2023 ގައި ވާދަކުރައްވާ އެންމެހާ ކެންޑިޑޭޓުންގެ ތަސައްވުރެވެ. ކޮންމެ ބޭފުޅަކުވެސް އެ ބޭފުޅަކު ހޮއްވަވަން ޖެހޭ ސަބަބުތަކެވެ.

1. ޢުމަރު ނަޞީރު (އަމިއްލަ)

"ޙައްލަކީ ޢުމަރު" މިއީ ދިވެހީން ދަންނަ މަޝްހޫރު ސްލޯގަން އެކެވެ. މި ސްލޯގަންގެ ވެރިޔަކީ ހަގީގަތުގަވެސް ޢުމަރު ނަޞީރެވެ. ޢުމަރު ވާދަކުރައްވާ ކޮންމެ އިންތިޚާބަކުމެ އެންމެ ބާރަށް ވިދާޅުވާ ބަސްފުޅަކީ މިއެވެ. ޤައުމަށް ކުރިމަތިވެ، އަދި އަދާ ޖެހެންދެންވެސް ޙައްލުނުވެ ހުރި ބޮޑެތި މައްސަލަތައް ޙައްލުކޮށްދެވޭނީ ހަމައެކަނި ޢުމަރު ނަޞީރަށް ކަމަށް ބުނެ އަޑު އުފުލައެވެ. މީގެ ތެރޭގައި މަސްތުވާ ތަކެއްޗާއި ވައްކަމާ ފޭރުމާއި ކޮރަޕްޝަނާއި ފަސާދަ ހިމެނެއެވެ.

ބިދޭސީންގެ މައްސަލައާއި ބޭރު ޤައުމުތަކުން ރާއްޖެއަށް ފޯރުވާ އެކިކަހަލަ ނޭދެވޭ ނުފޫޒުތަކުން ޤައުމު ސަލާމަތް ކުރެއްވޭނީ ހަމައެކަނި ޢުމަރަށް ކަމަށް ވިދާޅުވެއެވެ. ނަމަވެސް ތަރައްޤީގެ މާބޮޑު ތަޞައްވުރެއް ޕްލޭނެއް ނެތެވެ. ދެންވެސް ބުނަނީ ހަމަ ޙައްލަކީ ޢުމަރު ކަމުގައެވެ. ވެރިކަން ބަދަލު ކުރަންވީ އުމަރަށް ޙައްލު ވާނެ ކަމަށް ބަލާފަހެއްޔެވެ؟ 

2. ޙަސަން ޒަމީލް (އަމިއްލަ)

ސިޔާސީ މައިދާނުގައި މީގެ ކުރިން ދިވެހީން އަޑުއެހި ނަމެއް ނޫނެވެ. ސިޔާސީ ޕާޓީއެއްގެ އެކްޓިވިސްޓަކަށް އުޅުނު ކަމަކަށް ނުވެއެވެ. ސިޔާސީ މަސައްކަތެއްގައި އުޅުއްވި ކަމަކަށް ނުވެއެވެ. ނަމަވެސް 100،000ރ ޚަރަދުކުރައްވާ 50 މީހުންގެ ސޮޔާއެކު ފޯމު ހުށަހަޅުއްވާ ވެރިކަމަށް ކުރިމަތި ލައްވައިގެން އުޅުއްވާ ފަރާތެކެވެ. ރަނިންގމޭޓަކީ އަނބިކަނބަލުންނެވެ.

ޒަމީލްގެ ރިޔާސީ ވަޢުދުތަކަށް ބަލާނަމަ އެންމެ ފާހަގަކޮށްލެވޭ ވަޢުދަކީ ، އަންހެން ކަނބަލުން ދަރިން ބަލަން ގޭގައި ތިއްބަވާނަމަ އެކަނބަލުންނަށް މަހަކު 20000ރ ދެއްވާނެ ކަމަށް ވެފައިވާ ވަޢުދެވެ. އަދި މުއްސަނދިން ނާޖާއިޒު ގޮތުގައި ހޯދާފައިވާ ފައިސާ ސަރުކާރަށް ނެގުމާއި ދިވެހީންގެ އާބާދީ އިތުރުކުރުމަށް ކުރެވިދާނެ ކަންކަންވެސް ޒަމީލްގެ ވަޢުދުނާމާގައި ވާކަމަށް ވެެއެވެ. ވެރިކަން ފުރޮޅާލަންވީ ޒަމީލްއާ ދަޢުލަތް ޙަވާލުކުރަން ހެއްޔެވެ؟

3. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް (އެމް.ޑީ.ޕީ)

ރާއްޖޭގެ ސިޔާސީ މައިދާނުގައި އާ ނަމެއް ނޫނެވެ. އެމްޑީޕީގެ ޓިކެޓުގައި ރިޔާސީ އިންތިޚާބު 2018 ކާމިޔާބުކުރައްވާ 5 އަހަރުގެ ވެރިކަމުގެ 1 ދަޢުރު ނިމެނީއެވެ. އެމަނިކުފާނަކީ ދެވަނަ ޖުމްހޫރިއްޔާގެ 5 ވަނަ ރައީސެވެ. މިވަގުތު ކުރިމަތިލައްވައިގެން އުޅުއްވަނީ ރައީސްކަމުގެ 2 ވަނަ ދައުރަކަށެވެ. ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދުއާ ވާދަކޮށް ޕާޓީގެ ޓިކެޓް ހޯއްދަވައިގެންނެވެ. ފެހި ޤާނޫނުއަސާސީ ތަސްދީޤު ކުރިފަހުން ރައީސްކަމުގެ 2 ދައުރު ފުރިހަމަކުރެއްވުމުގެ ގަދަ ޢަޒުމުގައެވެ.

އަނެއްކާވެސް ވާދަކުރައްވަނީ ދިވެހިރާއްޖޭގެ އެންމެބޮޑު ސިޔާސީ ޕާޓީ ކަމަށްވާ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ޙައިސިއްޔަތުންނެވެ. ސާފުކޮށް ދެއްކެވޭނެ ބޮޑު މަންޒަރަކީ އެމަކުފާނުގެ ޒަޢާމަތުގައި ވޭދުވެދިޔަ 5 އަހަރު މުޅި ދިވެހިރާއްޖެއަށް ގެންނެވި ޢުމްރާނީ އަދި އިޖުތިމާއީ ތަރައްޤީގެ މަންޒަރެވެ. ތަރައްޤީގެ ބޮޑު މަޝްރޫޢުއެއް ނުހިންގާ ކުޑަ ބޮޑު އެންމެ ރަށެއްވެސް ނެތެވެ. ފެނާނަރުދަމާ އާއި ޒަމާނީ ކަރަންޓުގެ ޚިދުމަތެވެ. ބަނދަރު ހެދުމާ މަރާމާތުކުރުމެވެ. ޒަމާނީ ފުޓްބޯޅަ ދަނޑުތަކާއި ސްޕޯޓްސް ކޮމްޕްލެކްސް ތަކެވެ. ބިން ހިއްކުމާއި މަގުތަކުގައި ތާރުއެޅުމެވެ. ހޮސްޕިޓަލްތަކާއި ސްކޫލް ޢިމާރާތްތަކެވެ. މިފަދަ އެތައް ކަމެއް ނިމި އިފްތިތާޙް ކޮށްފިއެވެ. އެހެނިހެން ޕްރޮޖެކްޓްތައް އަދިވެސް ކުރިޔަށް ދަނީއެވެ. ހިލޭ ޑިގްރީއަށް ކިޔެވުމާއި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުއްވިއެވެ. ގެދޮރުގެ ދަތިކަން ޙައްލުކުރުމަށް ހުޅުމާލެއިންނާއި ގުޅީފަޅުން އަދި އެހެނިހެން ބިންތަކުން ގޯތި ކަނޑާ ދެއްވައިފިއެވެ. އެތައް ބަޔަކަށް ފްލެޓް ލިބިއްޖެއެވެ. ކުރިޔަށް އޮތް ދައުރަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދުތައް އެމަނިކުފާނުގެ ކެމްޕޭން ދަތުރުތަކުގައި އެކި ރަށްރަށަށް ވަޑައިގެން އެގެންދަވަނީ ހާމަކުރައްވަމުންނެވެ.

އެ ވަޢުދުތައް ޚާއްޞަ ކޮށްފައިވާ ދާއިރާ ތަކުގެ ތެރޭގައި ، އާ ޒުވާނުންގެ ޖީލު ، އުފާވެރި ދިރިއުޅުން އަދި އަމާން މުޖުތަމަޢު ހިމެނެއެވެ. އެމަނިކުފާނުގެ ކެމްޕެއިން ތަކުގައި ވަޑައިގަންނަވާ ކޮންމެ ރަށަކުންމެ ފެނިގެންދަނީ އެމް.ޑީ.ޕީ އާއި އެމަނިކުފާނަށް އޮތް ލޯތްބާއި ތާއީދެވެ. ރައީސް އިބޫގެ ވެރިކަން ބަދަލު ކުރަންވީ ހަމަ އެހެންމީހަކު ތަޖުރިބާ ކުރުމުގެ ނިޔަތުގަހެއްޔެވެ؟ 

 4. ޑރ. މުޙައްމަދު މުޢިއްޒު (ޕީ.އެން.ސީ)

ވެރިކަންކުރާ އެމް.ޑީ.ޕީ އާއި ސަރުކާރުގެ އިދިކޮޅު އެންމެ ބޮޑު ޕާޓީއަކީ ޕީ.ޕީ.އެމް އެވެ. އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޣައްޔޫމް ހުންނެވީ ޖަލުހުކުމެއްގައެވެ. މި އިންތިޚާބުގައި އެމަނުކުފާނަށް ވާދަކުރެއްވޭގޮތް ނުވުމުން އެޕާޓީއާއި ގުޅިފައިވާ ޕީއެންސީން ކުރިމަތިލެއްވި ކެނޑިޑޭޓަކީ ކުރީގެ ހައުސިންގ މިނިސްޓަރ އަދި މާލެ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒެވެ.

ކެމްޕޭން ޕޯސްޓަރ ތަކުގެ ފަހަތުން ފެންނަނީ ދަޢުލަތުގެ ފައިސާއަށް ޚިޔާނާތްވި ކަމުގެ ކުށުގައި ޖަލުހުކުމެއްގައި ހުންނެވި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އެވެ. ކެމްޕޭނުގައި ދައްކަވާ ވާހަކަފުޅުތަކުން ދޭހަވާ ގޮތުގައި މުޢިއްޒުގެ މައިގަނޑު ޢަމާޒު ހުރީ ބޮޑެތި އާބާދީތަށް ރަރައްޤީ ކުރުމަށެވެ. ބައިމަދު ކުދި އާބާދީތަކަށް އަޅާލުމުގެ ފުރުސަތު ކުޑައެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ކަންކުރެއްވި ބީދައިންނެވެ. އަދި ދަތުރުތަކުގައިވެސް ފެންނަނީ ބޮޑެތި އާބާދީތަކަށް ވަޑައިގެން ތާއީދު އޮތްކަން ދައްކަވަން މަސައްކަތް ކުރައްވާ ތަނެވެ. މައިގަނޑު އަނެއް ވަޢުދަކީ ރައީސް ޔާމީނު މިނިވަން ކުރެއްވުމެވެ. ވިސްނަވާށެވެ. އަޅުގަނޑުމެން ނުކުންނަންވީ ކުށްވެރިޔަކު މިނިވަންކޮށް ހަމައެކަނި ބޮޑެތި އާބާދީ ތަކާއި މާލެ ތަރަށްޤީ ކުރަން ހެއްޔެވެ.؟

5. ޤާސިމް އިބްރާހީމް (ޖުމްޙޫރީ ޕާޓީ)

2008 ގެ ރިޔާސީ އިންތިޚާބުން ފެށިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބްލް ޤާސިމް އިބްރާހީމް ވާދަ ނުކުރައްވާ ރިޔާސީ އިންތިޚާބެއް ނެތެވެ. އަދި އަދަށްވެސް އިންތިޚާބު ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ނަމަވެސް ރައީސް ޔާމީނުގެ ވެރިކަމާއި އިބްރާހީމް މުޙައްމަދު ޞާލިޙުގެ މިހާރުގެ ވެރިކަމުގެ ކޯލިޝަން ބައިވެރިއެކެވެ.  މި އިންތިޚާބަށް ނުކުންނެވީ އަދުގެ ސަރުކާރުގެ ތެރޭގައި ގޯސް ކަންތައް ތަކެއް ހުރިކަމަށް ބުނެ އެކަންކަން އިސްލާޙު ކުރުމަށް ކަމަށް ބުނެއެވެ.

ކެމްޕޭން ދަތުރުތަކުގައި ރަށްރަށަށް ވަޑައިގަންނަވަމުން އެބަ ގެންދަވައެވެ. ފެންނަމުންދަނީ އެބޭފުޅާއަށް މާބޮޑު ތާއީދެއް ނެތްތަނެވެ. ރަށްރަށުން މަރުޙަބާ ދެންނެވުމަށް ވަޑައިގަންނަވާ ފަރާތްތައް މަދުކަމެވެ. އެކަމާ ހިތްހަމަނުޖެހި ވާހަކަފުޅު ދައްކަވާކަން ފާހަގަވެސް ކުރެވެއެވެ. ޤާސިމް އިބްރާހީމްގެ ރިޔާސީ މާ ގިނަ ވަޢުދުތަކެއް ނެތެވެ. އެންމެ ގިނައިން ދައްކަވަނީ ހިލޭ ކަންތައްތަކެއް ކޮށްދެއްވާނެ ވާހަކައެވެ. ދައުލަތުގެ ބަޖެޓުން ނުވެއްޖެނަމަ އެބޭފުޅާގެ އަމިއްލަފުޅު ޚަރަދުގަވެސް މަޝްރޫޢުތައް ހިންގަވާނެ ކަމުގެ ވާހަކައެވެ. ހާސް ކަނޑާލުމަށް އެބަވިދާޅުވެއެވެ. ބަދަލުކޮށް އަޖުމަ ބަލައިލުމަށް ޤާސިމް އިބްރާހީމް އާއި ޤަައުމު ހަމަ ޙަވާލުކުރަންވީ ހެއްޔެވެ؟

6. އަޙުމަދު ފާރިސް މަޢުމޫން (އަމިއްލަ)

އަމިއްލަގޮތުން ވާދަކުރެއްވި ނަމަވެސް ސިޔާސީ މައިދާނުގައި ކޮންމެވެސް ވަރަކަށް އިވޭ އަޑެކެވެ. އަޙުމަދު ފާރިސް މަޢުމޫނަކީ ކުރީގެ ދިގު 30 އަހަރުގެ ވެރިޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ގައްޔޫމްގެ ދަރިކަލެކެވެ. ފާރިސް އަކީ ދޮގުހަދައި ރައްޔިތުންނަށް އޮޅުވާލާނެ ފަރާތެއް ނޫން ކަމުގައި މައުމޫން ވަނީ ވިދާޅުވެފައެވެ. އަދި ރައީސްކަން ކުރެއްވުމުގެ ޤާބިލުކަން ހުރި ބޭފުޅެއްކަމުގައިވެސް ވިދާޅުވިއެވެ. މައުމޫނުގެ މި ވިދާޅުވުންތަކަށް އިތުބާރުކޮށް ދިވެހި ރައްޔިތުން ފާރިސް އަށް ޤައުމުގެ ހުންގާނު ޙަވާލުކުރަން ފޫގަޅަންވީ ހެއްޔެވެ؟

7. ޢިލްޔާސް ލަބީބް (ދަ ޑިމޮކްރަޓްސް)

މިހާތަނަށް ކެމްޕޭން ދަތުރުތަކުގައި އެބޭފުޅަކަށް އެންމެ ތާއީދު ކުޑަކަމަށް ފެންނަ އެއް ފަރާތަކީ ދަ ޑިމޮކްރަޓްސްގެ ކެންޑިޑޭޓް ޢިލްޔާސް ލަބީބް އެވެ. އަރިހުގައި ކެމްޕޭން ދަތުރުތަކުގައި ބައިވެރިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުއެވެ. ރައީސް ނަޝީދަކީ އެމްޑީޕީ އިން ވަކިވެވަޑައިގެން އަމިއްލަފުޅަށް ދަ ޑިމޮކްރަޓްސްގެ ނަމުގައި ޕާޓި ވުޖޫދުކުރެއްވި މޭސްތިރިޔާއެވެ. އެމަނިކުފާނަށް ތާއީދު ކުރައްވާ މަދު އެކްޓިވިސްޓުންނާއި ސަޕޯޓަރުންނާއެކުއެވެ.

އިލްޔާސްގެ ކެމްޕޭން ދަތުރުތަކުގައި ފާހަގަވާ އަނެއްކަމަކީ މުޅިންވެސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ގޯސް ވާހަކަ އާއި ކަމުނުދާ ވާހަކަތައް ދެއްކެވުމެވެ. ދިވެހީންގެ ވެރިޔަކަށް އަންނަން ގަސްދުކުރައްވާ ބޭފުޅެއްގެ ތަސައްވުރެއް ޕްލޭނެއް ނެތެވެ. އިލްޔާސް އަށް ވެރިކަން ޙަވާލުކުރަން ތާއީދު ކުރައްވަންވީވެސް ހަމަ ވެރިކަން ބަދަލުކުރަން ބާވައެވެ؟

8. ކާނަލް(ރ) މުޙައްމަދު ނާޒިމް (މޯލްޑިވްސް ނޭޝަނަލް ޕާޓީ)

ކާނަލް މުޙައްމަދު ނާޒިމް އަކީ ކުރީގެ ޑިފެންސް މިނިސްޓަރކަން ވެސް ކުރައްވާފައިވާ، އަމިއްލަ ސިޔާސީ ޕާޓީއެއް އުފައްދާ ސިޔާސީ މައިދާނުގައި ހަރަކާތްތެރި ބޭފުޅެކެވެ. މިފަހަރުގެ އިންތިޚާބުގައި ޕާޓީގެ ރިޔާސީ ޓިކެޓުގައި ވާދަކުރައްވާ ކެމްޕޭން ކުރިޔަށް އެބަ ގެންދަވައެވެ. ރިޔާސީ ވަޢުދު ތަކުގައި އެކި ކަހަލަ ޒާތުގެ ވާހަކަތައް އެބަ ދައްކަވައެވެ. މޮޅެތި 3ޑީ ކުރެހުންތައްވެސް އެބަ ގެންގުޅުއްވައެވެ. އުޖާލާ ޒަމާނެއް ގެންނަވާނެ ކަމުގެ ޔަގީންކަން ދެއްވައެވެ.

މައިގަނޑުގޮތެއްގައި ވިދާޅުވަމުން ގެންދަވަނީ މާލެ ފެންވަރުގެ އިތުރު 4 ސަރަޙައްދެއް ތަރައްޤީ ކުރައްވާނެ ވާހަކައެވެ. ނާޒިމް މިދައްކަވާ ތަޞައްވުރުގެ ޖާދޫގައި ދިވެހިން ޖެހި އެބޭފުޅާއަށް އިތުބާރު ކުރައްވާ، ޤައުމުގެ ވެރިކަން ބަދަލުކޮށްލުން އިންސާފުވެރިވާނެތޯއެވެ؟

ސުވާލަކީ ހަމަ ކޮންމެ 5 އަހަރަކުން ވެރިކަން ފުރޮޅާލައި ބަދަލުކުރުން އެއީ ދިވެހީންނަށް އެންމެ ފައިދާހުރި ގޮތްތޯއެވެ. ވިސްނަވާށެވެ.

 

ލިޔުން ޙިއްސާ ކުރައްވާ

4 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

ކޮމެންޓްތައް

ާކިޔާ މީހާ

23 އޮގަސްޓު 2023

ރިޕޯޓް ސަޅި، އެކަމު ބައެއް ކެންޑިޑޭޓުން ޖަސްޓިފައި ކުރެވިފަ ނެއްކަން ފާހަގަވޭ. ނިންމުން މިޔަށްވުރެ ރަނގަޅުކޮށްލެވުނީސް. މިސާލަކަށް، ވެރިކަން ބަދަލުކުރީމަ ވާ ފައިދާތަކާ ގެއްލުންތަށް ގެނެސްދީފަ ސުވާލު ރަށްޔިތުނަށް ދޫކޮށްލިނަމަ.

އަލިބެ

23 އޮގަސްޓު 2023

ރަނގަޅު ވާހަކައެއް. މުހިއްމު ވާހަކަތަކެއް އެބަހުރި

އަހުމަދު

23 އޮގަސްޓު 2023

ވެރިކަމެއް ކުރަން 5 އަހަރު މާ ދިގުކަމަށް އިބުރާހިމު ފުރަތަމަ ބުނީ. މިހާރު ނޫޅޭ ފައިބާކަށް؟؟

ސިޔާ

23 އޮގަސްޓު 2023

ވަރަށް ފުރިހަމަ ރިޕޯޓެއް

މަގުބޫލް ލިޔުންތައް

Semi ge raih card aa eku ves Ayaa ah finalgai kulhumuge furustathu, insaafuveribaa?!

ސެމީގެ ރަތްކާޑާއެކު ވެސް އަޔާއަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު، އިންސާފުވެރިބާ؟!

3

Magey Hiyaa: Gevalhu thakugai ge neylhi thibi myhunah ranuge furusatheh

މަގޭ ހިޔާ: ގެވަޅުތަކުގައި ގެ ނޭޅި ތިބި މީހުންނަށް ރަނުގެ ފުރުސަތެއް

0

India sifain thibi vaahaka kurin dhekky idhikolhugai thibegen sarukaarah annan: Adhurey

އިންޑިއާ ސިފައިން ތިބި ވާހަކަ ކުރިން ދެއްކީ އިދިކޮޅުގައި ތިބެގެން ސަރުކާރަށް އަންނަން: އަދުރޭ

1